މުޙައްމަދު ވަޙީދު ޢަބްދުﷲ 14 މެއި 2019
ރޯދަހިފުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ރޯދަ ފަރުޟު ކުރެއްވުމުގެ މައިގަނޑު ސަބަބަކީ ތަޤުވާވެރިވުން ކަމަށް ކީރިތި ޤުރްއާނުގެ ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ހަމަ އެހެންމެ ރޯދައަކީ އައްޑަނައެއްކަމުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
މިދެންނެވި އާޔަތާއި ޙަދީޘުން މުރާދުކޮށްދެނީ އެއް ކަމެކެވެ. ޢަރަބި ބަހުގައި تَقْوَى މި ލަފްޡުގެ އެއްމާނައަކީ ރައްކާތެރިކަން ލިބިގަތުމެވެ. އަދި ހަމަ އެފަދައިން ހަދީޘްގައިވާ جُنَّة ނުވަތަ އައްޑަނަ އަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ހަތިޔާރެކެވެ. އެހެންކަމުން ރޯދައަކީ މީސްތަކުންނަށް ގެއްލުން ލިބެނިވި ތަފާތު އެތައް ކަމަކުން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމާމެދަކު ޝައްކެއްނެތެވެ.
ރޯދައިން ލިބޭ ރޫޙާނީ ފައިދާތަކާ އެއްފަދައިން މާއްދީ އެތައް ފައިދާއެއްވެސް ސައިންސްގެ އަލީގައި މިއަދު މިވަނީ ހޯދިފައެވެ. ޚާއްޞަކޮށް ޞިއްޙީ ގޮތުން ދިމާވާ ތަފާތު އެތައް ގެއްލުމަކުން ސަލާމަތްވުމަށް ރޯދައަކީ އެއްމެ މޮޅު ވަޞީލަތެވެ. ޖަރނަލް އޮފް ފާސްޓިންގ އެންޑް ހެލްތުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާގޮތުން، ރޯދަހިފުމަކީ ގިނަގުނަ ޞިއްޙީ ފައިދާތައް ލިއްބައިދޭ އަދި ގެއްލުންތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އެ ލިޔުމުގައިވާގޮތުން މިހާތަނަށް ކުރެވިފައިވާ ތިރީސް އެތައް ސައިންޓިފިކް ދިރާސާތަކުން އެކަން ކަށަވަރުކުރެވެއެވެ.
ރޯދައިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ބަރުދަން ހަމަ މިނެއްގައި ހިފެހެއްޓުމާއި، ލޭގައި ހަކުރާއި ކޮލެސްޓްރޯލް ހުންނަ މިންވަރު މަތިވިޔަ ނުދިނުމާއި، ފަލަވާ ބަލިން ރައްކާތެރިވުމާއި، ލޭގެ ޕްރެޝަރު ހިފެހެއްޓުމާއި، ހަކުރުބަލިންނާއި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން، ނާރުތަކުގެ ބާރުދެރަވުމުން ރައްކާތެރިވުމާއި، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްވެސް ރޯދަހިފުމަކީ މުހިއްމު ކަމެއް ކަމަށް ސައިންޓިފިކް ދިރާސާތަކުން ހެކި ލިބޭކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
ހަމައެފަދައިން ރޯދަހިފުމަކީ ޢުމުރުދިގުވާކަމެއްކަމަށް ދަލީލުކޮށްދޭ ދިރާސާއެއްވެސް 2013 ވަނަ އަހަރު ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ނަގޯޔާ ޔުނިވަރސިޓީގެ ސައިންވެރިންގެ ޓީމަކުން ވަނީ ކޮށްފައެވެ. މި ދިރާސާގައި ބޭނުން ކޮށްފައިވަނީ ވަށްފަނި ނުވަތަ ރައުންޑް ވޯރމްއެވެ. މިދިރާސާއިން ދައްކާގޮތުގައި ހުރިހާ ދުވަހެއްގެ ހުރިހާވަގުތެއްގައި ކާންދީފައި ބޭތިއްބި ފަނިތަކުގައި އަޕްރެގިއުލޭޓްވެފައިވަނީ އެންމެ 85 ޖީންއެވެ. އަޕްރެގިއުލޭޓްވުމަކީ ކުރިމަތިވާ ޙާލަތަކަށް އިޖާބަދިނުމުގެ ޤާބިލްކަން ލިބިގަތުމެވެ. ނަމަވެސް 12 ގަޑިއިރު ކާއެއްޗެހި ނުދީ ބޭތިއްބި ފަނިތަކުގައި 1500 ޖީން އަޕްރެގިއުލޭޓްވެފައިވެއެވެ. އަދި 48 ގަޑިއިރަށް ގިނަކުރުމަކުން މިއަދަދު އިތުރަކަށް މަތިވެފައެއްވެސް ނުވެއެވެ. އަދި މީގެއިތުރުން ކެއުން ކޮންޓްރޯލް ކޮށްފައިވާ ފަނީގެ ސެލްތަކުގެ ތަފާތު މަސައްކަތްތައް އެނޫންފަނިތަކާ އަޅާބަލާއިރު އިތުރުވެފައި ހަލުވި ކަމަށް ދިރާސާއިން ދައްކައެވެ. ކެއުން ކޮންޓްރޯލް ނުކުރާ ފަނިތަކުގެ ޖީންތަކުގެ ސަމާލުކަން ކުޑަވުމާއި އަދި ސެލްތަކުގެ ޙަރަކާތް މަދުވުމުގެ ސަބަބުން އެތަކެތީގެ ޢުމުރު އަނެއް ފަނިތަކަށްވުރެ ކުރުކަމަށްވެސް މި ދިރާސާއިން ދައްކައެވެ.
އެހެންކަމުން ރޯދަ ހިފުމަކީ މުސްލިމުންނާއި އެނޫން މީހުންވެސް ކުރުން މުހިއްމު ކަމެއްކަމަށް މިވަނީ ސާބިތުވެފައެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَأَن تَصُومُوا خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (ސޫރަތުލް ބަޤަރާ 184). މާނައީ “އަދި ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެނަމައެވެ.” އެބަހީ ދަންނާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
Sources:
Pakkir Maideen, N., Jumale, A., I.H. Alatrash, J., & Ahamed Abdul Sukkur, A. (2017). Health Benefits of Islamic Intermittent Fasting. Journal of Fasting Fasting and Health, 5(4), 162-171. doi:10.22038/jnfh.2018.30667.1111
Uno, M., Honjoh, S., Matsuda, M., Hoshikawa, H., Kishimoto, S., Yamamoto, T., . . . Nishida, E. (2013, January 31). A Fasting-Responsive Signaling Pathway that Extends Life Span in C. elegans. Cell Reports, 3, 79-91. doi:10.1016/j.celrep.2012.12.018

